Monday

އުނގެނުމުގެ ނަޒަރިއްޔާތަކުގެ ތެރެއިން...


ސްލޫކީ އުނގެނުމުގެ ނަޒަރިއްޔާ (ބިހޭވިއަރަލް ލަރނިންގ ތިއަރީ)

ސުލޫކީ ޢިލްމްވެރިންގެ ނަޒަރުގައި އުނގެނުމަކީ ތަޖުރިބާއާއި ފަރިތަކުރުމުގެ ސަބަބުން ދާއިމީ ގޮތުން ސުލޫކަށް އަންނަ ބަދަލެކެވެ. އެހެންކަމުން، އުނގެނުމަކީ އެތެރޭގެ ހަރަކާތެކެވެ. އެމީހެއްގެ ނަފްސުން އެކަމުގެ އެއްވެސް އަލާމާތެއް ނުފެންނަނަމަ އުނގެނުނީ ކަމަށް ގަބޫލެއް ނުކުރެވޭނެއެވެ. ސުލޫކީ އުނގެނުމުގެ ނަޒަރިއްޔާތަކީ ވަކި އުޅުމެއް ބައްޓަން ކުރުވުމަށް މެދުވެރިކުރުވާ ނުވަތަ މެދުވެރިވާ ޙާލަތަކާ ވިއްދައިގެން އޭގެ ރައްދެއްގެ ގޮތުން ސުލޫކަށް ނުވަތަ އުޅުމަށް އަންނަ ބަދަލު ތަކަށް ރިޢާޔަތްކޮށްގެން އުނގަންނައިދިނުމެވެ. މި ތިއަރީ މާނަކުރާ ގޮތުގައި އުނގެނުމަކީ މާހައުލުން އުނގެނޭ ފަރާތަށް ކުރުވާ އަސަރެއްގެ ނަތީޖާގެ ސަބަބުން ބޭރުފުށުން ހާމަވެ ފާޅުވާ ދާއިމީ ބަދަލެކެވެ. މި ބަދަލަކީ ގަސްދުގައި ނުވަތަ ގަސްދުގައި ނޫން ގޮތަކަށް ވެސް އަތުވެދާނެ ބަދަލެކެވެ. މި ތިއަރީގައި އިންސާނުންގެ ސުލޫކު ގުޅިފައިވަނީ އޭނާގެ މާހައުލުގައި ކުރާ ތަޖުރިބާތަކާއި، ހިއްސާކުރާ ހިއްސާކުރުން ތަކާއެވެ.


ސްލޫކީ އުނގެނުމުގެ ނަޒަރިއްޔާގެ މަފްހޫމްތައް:
1- ކްލެސިކަލް ކޮންޑިޝަނިންގ
ކްލެސިކަލް ކޮންޑިޝަނިންގ އަމާޒު ކުރެވެނީ ޢާޠިފީ ނުވަތަ ނަފްސާނީ (އިންވޮލަންޓަރީ) ރައްދުތަކުގެ އުނގެނުންތަކަށެވެ. މިގޮތުން، ކުރިން އެއްވެސް އަސަރެއް ކޮށްފައިނުވާ ނުވަތަ ކޮށްފައިވާ އަސަރާއި މުޅިން ތަފާތު އަސަރެއް ގެނުވާ، އިޖާބަ ދިނުމަށް ތަމްރީނު ކުރެވިދާނެއެވެ. އެއީ ބިރުގަތުމާއި މަސްތަކުގެ ޓެންޝަން ބޮޑުވުމާއި ދާހިއްލުމާއި ކުޅުދިޔާވުން ފަދަ އިންވޮލަންޓަރީ އުނގެނުންތަކެވެ. މި ތިއަރީ ބުނާގޮތުން އެލިސިޓިންގ ސްޓިމިއުލާއެއްގެ ސަބަބުން އުނގެނުން ހިނގާނެއެވެ. ޚާއްޞަކޮށް މީގައި އަންގައިދެނީ ދެ ސްޓިމިއުލީ އެއް އެކަތި އަނެކެއްޗާއި ގުޅިގެން ފާޅުވާ ނަތީޖާ ނުވަތަ ރެސްޕޯންސް ހިނގައިގޮތެވެ. މިސާލަކަށް، މިތިއަރީގެ ބާނީ އީވާން ޕެވްލޯވް ގެ ދިރާސާ އަށް ބަލައިލާއިރު ކުއްތާ ކާ އެއްޗެހި ފެނުމާއެކު ކުޅުދިޔާވެއެވެ. ނަމަވެސް، ރަނގަބީލެއްގެ އަޑު އިވުމަކުން އެސޮރު ކުޅުދިޔައެއް ނުވެއެވެ.އޭގެފަހުން، ކާއެއްޗިއްސާ ރަނގަބީލުގެ އަޑާ ގުޅުވާލައެވެ. މިގޮތުން ރަނގަބީލު ޖަހުމަށްފަހު ކާއެއްޗެހި ގެންދިއުން ތަކުރާރު ކުރުމުން އެ އަޑަށް ކުއްތާ ހޭނޭނެއެވެ. އަދި، ފަހުން ހަމައެކަނި ރަނގަބީލުގެ އަޑު އިވުމުންވެސް ކުއްތާ ކުޅުދިޔާ ވެއެވެ. މިގޮތަށް ހަމަ ކުދިންވެސް ވަކިގޮތަކަށް ހާނުވާ އެކުދިންގެ ސުލޫކު ވަކިގޮތަކަށް ބައްޓަންކުރެވިދާނެއެވެ. މިސާލަކަށް މުދައްރިސް ކުލަހަށް ވަނުމާ އެކު ދަރިވަރުން ކޮޅަށް ތެދުވުމަކީ ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. އެގޮތަށް އެކަން އެ ހިނގަނީ ދަރިވަރުން އެގޮތަށް ހާނުވަފައި (ކޮންޑިޝަން ކުރެވިފައި) ވާތީއެވެ. މިގޮތުން، ފުރަތަމަ ދުވަސްކޮޅު މުދައްރިސް ކުލާސް ފެށުމުގެ ކުރިން ދަރިވަރުން ކޮޅަށް ތެދުވަން ބުނެ، އެ ކުދިން ތެދުވުމުން މެނުވީ ކުލާސް ފަށާފައި ނުވާތީ، މުދައްރިސް އައިސް ކުލާހުގެ ކުރިމަތީގައި ހުއްޓުމާއެކު ހުރިހާ ދަރިވަރުން ތެދުވަން އެވަނީ ހޭނިފައެވެ. އެހެންކަމުން އެކުދިންގެ އުޅުން އެވަނީ އެގޮތަށް ބައްޓަންކުރެވިފައެވެ.
2- އޮޕަރެންޓް ކޮންޑިޝަނިންގ
އޮޕަރެންޓް ކޮންޑިޝަނިންގ އަކީ އިންސާނާގެ އަމިއްލަ ޤަޞްދުގައި ކުރާކަންތައްތަކުން ދަސްކުރާ ނުވަތަ އުނގެނޭ އުނގެނުމުގެމަސައްކަތްތަކެވެ. އެހެނީ، އިންސާނާގެ ސުލޫކުގެ ނަތީޖާއެއްގެގޮތުން އޭނާއަށް އިނާމެއް ނުވަތަ އަދަބެއް ލިބޭ ލިބުމުގެ މަގުން އޭނާއަށް ދަސްވާ ދަސްވުންތަކެވެ. މި ތިއަރީ ބުނާގޮތުން އުނގެނުން ބިނާވެފައިވަނީ އެކަމަށް އަސަރު ކުރުވާ ކަމެއްގެ ނަތީޖާގެ (ކޮންސިކުއެންސް) ސަބަބުންނާއި، އެކަމުން އަސަރު ކުރުވާ ކަންތައްތަކެއްގެ (އެންޓިސިޑެންޓްސް) ސަބަބުންނެވެ. މިސާލަކަށް: ޓީޗަރުގެ ކިބައިން އިނާމު ލިބިގަތުމުގެ ބޭނުމުގައި ދަރިވަރުން  ހޯމްވޯރކް ނިންމުން. އޮޕަރެންޓް ކޮންޑިޝަން، މީހާގެ ސުލޫކެއް މަދު ނުވަތަ ދަށްކުރުމަށް ވެސް ބޭނުން ކުރެވިދާނެއެވެ. މިސާލަކަށް: ކުލާހުގައި ބޭކާރުވާހަކަ ދައްކާ  އަޑުގަދަކޮށް ހަދާނަމަ ކުޅެން ލިބޭ ވަގުތު ކުޑަ ކުރެވޭނެ ކަމަށް ބުނުން.

އޮޕަރެންޓް ކޮންޑިޝަނިންގ ގެ ބައިތައް:
-         ތަރުޙީބުދިނުން (ރީ އިންފޯސްމެންޓް)
ތަރުޙީބުދިނުމަކީ ސުލޫކާއި ގުޅުވައިގެން ކުރިމަތިވާކަންކަން އިތުރުކޮށް ސުލޫކް ކުރިއެރުވުމެވެ. މިގޮތުން، ކަމަކާ ގުޅިގެން އަންނަ ސުލޫކު އެކަމަކުން އިތުރުކޯށްދޭ ނުވަތަ ބާރުގަދަކޮށްދޭ ކޮންމެ ކަމެއް ވާނީ ތަރުޙީބުދިނުމަކަށް ނުވަތަ ރީ އިންފޯސްމަންޓަކަށެވެ. ތަރުޙީބުދިނުން ނުވަތަ ރީ އިންފޯސްމެންޓް ދެ ބަޔަކަށް ބެހެއެވެ. އެއީ "ޕޮޒިޓިވް ރީ އިންފޯސްމަންޓް" އާއި "ނެގެޓިވް ރީ އިންފޯސްމަންޓް" އެވެ. "ޕޮޒިޓިވް ރީ އިންފޯސްމަންޓް" އަކީ ސްލޫކުގެ ފަހުން އެ ސްލޫކާ ގުޅުވައިގެން ދެވޭ ހިތް އެދޭ ހަދިޔާއެއް، ކަމެއް ނުވަތަ ތައުރީފެކެވެ. މިސާލު: ގަޑި ނިމެންވާއިރަށް ފިލާވަޅު ހަދާ ނިންމާ ކޮންމެ ކުއްޖަކަށް ތަރިއެއް ދޭނަމޭ ބުނުން.
ނެގެޓިވް ރީ އިންފޯސްމަންޓް އަކީ ސުލޫކުގެ ފަހުން، އެ ސުލޫކާ ގުޅިގެން ބޭނުންނުވާ ނުވަތަ ހިތް ނޭދޭކަމެއް ހުއްޓުވުމަށް ނުވަތަ އެކަމަކުން ދުރުކުރުވުމަށް ކުރެވޭ ކަންކަމެވެ. މިސާލު: މިއަދު ހުރިހާ ސުވާލަކަށް ރަނގަޅު ޖަވާބު ދީފިނަމަ ހޯމްވޯކެއް ނުދޭނަމޭ ބުނުން.

-         އަދަބުދިނުން (ޕަނިޝްމަންޓް)
މިއީ ކުއްޖާގެ ސުލޫކާއި ގުޅިގެން އޭނާގެ ހިތް ނޭދޭ ނުވަތަ ނުރަނގަޅު ނަތީޖާއެއް ދޭ ކަންކަން އެ ސުލޫކުގެ މައްޗަށް ތަޢާރަފު ކުރުމެވެ. އަދަބުދިނުން ނުވަތަ ޕަނިޝްމަންޓް ވެސް ދެ ބަޔަކަށް ބެހެއެވެ. އެއީ "ޕޮޒިޓިވް ޕަނިޝްމަންޓް" އާއި "ނެގެޓިވް ޕަނިޝްމަންޓް" އެވެ. މިގޮތުން، "ޕޮޒިޓިވް ޕަނިޝްމަންޓް" އަކީ ކުއްޖާކުރާ ނުރަނގަޅުކަމެއް ހުއްޓުވުމަށް ކުއްޖާގެ ހިތް ނޭދޭކަމެއް ކުރުވުމެވެ. ނުވަތަ ސުލޫކު މަދު ކުރުމަށްޓަކައި އެ ސުލޫކާއި ގުޅުވައިގެން ނުރަނގަޅު ނުވަތަ ހިތްނޭދޭ ނަތީޖާއެއް ގެނެސްދިނުމެވެ. މިސާލު: ކުލާހުގައި ފިލާވަޅުބުނެދެއްވާއިރު ވާހަކަދެއްކުމުން ކުލާހުން ބޭރަށްލާނެކަމުގައި ބުނުން. "ނެގެޓިވް ޕަނިޝްމަންޓް" އަކީ އުޅުން ބަހައްޓާގޮތަކުން އެކަމަކުން ދުރުކުރުވުމަށް އޭނާގެ ހިތް އެދޭކަމަކުން ދުރުކުރުވުމެވެ. ސުލޫކު ބަހައްޓާ ގޮތާއި ވިދިގެން އެއާ ގުޅިފައިވާ ހިތްއެދޭ ކަންތައްތައް އޭނާއަށް ލިބުމުން މަހުރޫމްކުރުން ނުވަތަ ދުރުކުރުމެވެ. މިސާލު: ހޯމްވޯކް ނަހަދައިފިނަމަ ޓީވީ ނުބެލޭނެކަމަށް ބުނުން.

ސްލޫކީ އުނގެނުމުގެ ނަޒަރިއްޔާގެ ކަމުދާ ސިފަތައް
ސްލޫކީ އުނގެނުމުގެ ނަޒަރިއްޔާ ގައި ކަމުދާ ވަރަށް ގިނަ ސިފަތަކެއް ވެއެވެ. އޭގެ ތެރޭގައި ފާހަގަކޮށްލެވޭ ބައެއް ސަބަބުތައް ތިރީގައި އެވަނީއެވެ.
E   ރަނގަޅު ސުލޫކަށް ހިތްވަރުދެވޭތީ ކުދިންގެ ޝަޢުޤުވެރިކަން އިތުރުވުން.
E    ނުރަނގަޅު ސުލޫކަށް އަދަބު ދެވުމުން އެއީ ގޯސްކަމެއް ކަމާއި އެކަން ތަކުރާރުކޮށް ދެމިހުންނަން ނުޖެހޭކަން ހަނދާންވުން.
E   މި ނަޒަރިއްޔާ ޝަޢުޤުވެރިކުރުމުގެ ނަޒަރިއްޔާއާ ގުޅި ފައިވުމުން އެ ނަޒަރިއްޔާގައި ހިމެނޭ ހުރިހާ ކަމެއް މި ނަޒަރިއްޔާއާ ގުޅުވާލެވުން.
E   ތަންފީޒުކުރަން ފަސޭހަވުން.
E   ބެލެހެއްޓެނިވި ގޮތެއްގައި އަޅާލުމާއި އޯގާތެރިކަން ފޯރުކޮށްދެވުން.

No comments:

Post a Comment